މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯން ލިބޭ ދަރިވަރުންގެ ލިސްޓު މި ފެށޭ ހަފްތާގައި އާންމުކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. އިބްރާހިމް އޮންލައިން ނޫޙަކަށް ވިދާޅުވީ މިފެށޭ ހަފްތާގައި ލޯން ލިބޭ ދަރިވަރުންގެ ނަންތަކާއެކު ވަގުތީ ލިސްޓެއް އާންމު ކުރައްވާނެ ކަމަށެވެ. ލޯން ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓެއް މީގެ ކުރިން ނުނެރެ އެވެ. ނަމަވެސް މި ފަހަރު ވަގުތީ ލިސްޓެއް ނެރެން ނިންމީ ޝަކުވާ ހުށަޙެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ފެބްރުއަރީ މަހު ހުޅުވާލި ލޯން ސްކީމްގެ ދަށުން 770 ފުރުސަތު ހުޅުވާލި އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ލޯންގެ ފުރުސަތު ހުޅުވާލި ފަަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.

ޑރ. އިބްރާހީމް މީގެ ކުރިން ވިދާޅުވެފައި ވަނީ، މިފަހަރު ލޯން ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެރިޓް" އަށް ނުބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާނެ ކަމަށެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯން ދިނުމުގައި އިސްކަންދޭން ނިންމާފައިވަނީ ކޯސް ފުރިހަމަކުރަން ބާކީ އޮއް މުއްދަތު އެންމެ ކުޑަ ފަރާތްތަކަށެވެ. އަދި މިފަހަރުގެ ލޯން ސްކީމްގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދީފައި ވެއެވެ.

އޭގެ ތެރޭގައި ޓޫރިޒަމް، ކޮންސްޓަރަކްޝަން އަދި އައިސީޓީގެ ދާއިރާ ހިމެނެ އެވެ.