ކޮވިޑް ހާލަތު ގޯސްވެފައިވަތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް ވެސް މަޖިލީހުން ބުނެ އެވެ.

ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައިވާއިރު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހަވީރު 4 ން ހެނދުނު 8 އަށް ވަނީ ކާފިއު އިއުލާނު ކޮށްފަ އެވެ. އަދި ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ކޮވިޑް ފެތުރެން ފެށުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން މަޖިލީހުން އޭރު ވެސް ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ. އެކަމަކު އެފަހަރު، ތަޅުމުގައި ޖަލްސާތައް އަލުން ބާއްވަން ފެށީ ލޮކްޑައުން ފިޔަވަޅު އުވައިލުމުގެ ކުރިންނެވެ

ރާއްޖޭގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިބަލީގައި މަރުވި މީހުގެ އަދަދު އުޅެނީ 130 އަށް ވުރެ މަތީގަ އެވެ. މިމަހު އެކަނިވެސް 60 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.