ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރާ މިއަދު ބައްދަލުކޮށްފި އެވެ.

ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު "އަވަސް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެސްޕީޖީގެ އާ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއާ ބައްދަލުކުރީ އެއީ އެސްޕީޖީގެ ކޮމާންޑަރު ކަމާ އަލަށް ހަވާލުވި ބޭފުޅާ ކަމަށްވާތީވެ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމާއި ނަޝީދާއި އާއިލާ ދިރިއުޅޭ ގ. ކެނެރީގޭގެ ސެކިއުރިޓީއާ މެދު ދެކެވިފައި ހުރި ވާހަކަތަކާ ގުޅިގެން ކަމަަށެވެ.

"މިހާރު" ނޫހުން ގެނެސްދިން ރިޕޯޓެއްގެ ސަބަބުން ކެނެރީގެ ސެކިއުރެޓީ ކޮމްރޮމައިޒްވެފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފަ އެވެ.

ނާޒިމް ވިދާޅުވީ އެސްޕީޖީގެ ކޮމާންޑަރާ ބައްދަލުކުރީ އާއިލާއިން ބޭނުންވެގެން ކަމަށެވެ. ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނީ ވެސް ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވެ އެމަނިކުފާނަށް ހަމަލާ ދިނުމާ ގުޅިގެން އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސް އެސްޕީޖޭ ކޮމާންޑަރަކަށް މުއިޒް އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު ހަމަޖެއްސީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.ރައީސް މުހައްމަދު ނަޝީދު