ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް ހާޒިރުކުރަން ހަމަޖެހިފައި ވަނީ 29 ސިފައިން ކަމަށް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެެވެ.

ޕާލިމަންޓް އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރަން ނިންމުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އަދި ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުޅި މުއައްސަސާކަމަށް އެ މިނިސްޓްރީން ކަމަށް ވަނީ ބުނެފަ އެވެ. އެއާއެކު ދެން ދެކެވެން ފެށީ ވާހަކައަކީ ޕާލިމެންޓް އިކުއަރީއަށް 40 ސިފައިން ހާޒިރުކުރަން އުޅޭ ވާހަކަ އެވެ.

މިއަދު ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ޕާލިމެންޓް އިންކުއަރީއަށް 40 ސިފައިން ވަކިވަކިން ހާޒިރުކޮށް ސުވާލުކުރަން އެއްވެސް އިރެއްގައި ނިންމާފައިނުވާ ކަމަށެވެ. އިންކުއަރީއަށް ހާޒިރުކުރަން ނިންމާފައި ވަނީ 29 ސިފައިން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ތިޔަ ވިދާޅުވަނީ 40 އަޅުގަނޑަކަށް ވެސް ނޭނގެ. 40 ތޯ؟ ތި ލިސްޓެއް އަޅުގަނޑެއް ނުދެކެން، އެއީ ރަނގަޅު އަދަދެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންކުއަރީއަށް ފުލުހުންގެ ހަތް އޮފިސަރަކު ވެސް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ. އެ އަދަދުތަކަށް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށާއި މަތީ ރޭންކުތަކުގެ އޮފިސަރުންގެ ފަރާތުން ބޭނުންވާ ޖަވާބުތައް ލިބެމުންދާ ވަރަކަށް އިތުރު ފަރާތްތަކާ ސުވާލު ނުކުރަން ނިންމުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ގަސްތުކޮށްފައި އޮތީ ދަށު ރޭންކުތަކުން ފެށިގެން މަތީ ރޭންކުތަކާ ސުވާލުކުރަން. ނަމަވެސް މިހާރު މި ފެށީ މަތީ ރޭންކުތަކުން. ބައެއް މައުލޫމާތުތައް ދަށު ރޭންކުތަކުން ހޯދުމުގެ ކުރީގައި އެ މައުލޫމާތުތައް ލިބިދާނެ،" އަސްލަމް ވިދާޅުވި އެވެ.

އިންކުއަރީއަށް ކުރިން ދަތިތަކެއް ދިމާވިޔަސް މިހާރު އެ ދަތިތަށް ނެތް ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އިންކުއަރީއަށް މީހުން ހާޒިރު ކުރަނީ ކުށްވެރިންގެ ގޮތުގައި ތަހުގީގަކަށް ނޫން ކަމަށާއި އެ މީހުން ހާޒިރުކުރަނީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތަކާއި ކޮމިޓީއަށް ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދަން ކަމަށް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ތަނުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.