ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި މި ސަރުކާރުގެ ވަޒީރަކަށް ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ.

ރައީސް ސޯލިހު އެގޮތަށް އެެންގެވިއިރު މަހްލޫފަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އޭނާއަށް ދައުވާކުރަން ފޮނުވައިފަ އެވެ. މީގެ ކުރިން ހިޔާނާތުގެ ފައިސާ ލިބުމާ ގުޅިގެން ރައީސް ސޯލިހު ވަނީ މަހްލޫފު މަގާމުން އެކަހެރިކޮށްފަ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާކުރަން ފޮނުވުމުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭސީސީން ބުނީ މަހުލޫފްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރަން މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އޭރު އޭނާ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެވެ.