ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންމަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް ހަމަލާ ދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ބޮޑީގާޑުން ހާޒިރުކޮށްފި އެވެ.
މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދަނީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ސަބަބު ދެނެގަތުމުގެ ތަހުގީގެކެވެ. އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ފެށީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ. ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރުކުރީ އިއްޔެ އެކި ވަގުތު ތަކުގަ އެވެ.
މި އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު ބައެއް ބޭފުޅުންނާ އެކު ވަނީ އޮންލައިން ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޓެރަރިސްޓު ހަމަލާ ދިން ރޭ ނަޝީދުއާ އެކު އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ ތިން އޮފިސަރު ތިއްބެވި އެވެ. ހަމަލާއާއި ގުޅިގެން ދެ އޮފިސަރަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ. ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލުކުރަން އޭރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ކުދިކުދި ބަދަލު އަތުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާލިމެންޓްރީ އިންކުއައިރީ ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ކޮމިޓީގެ މުގައްރިރު އަސްލަމް ވަނީ މެމްބަރުންގެ ވާހަކަތަށް ދޮގުކޮށްފަ އެވެ.
ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ