ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަަކަށް ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަނުކުރާ އުސޫލު ބަދަލުކުރަން ހުށަހެޅި އިސްލާހަށް މަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެެއްޖެ އެެވެ.

އެސްޖީ އައްޔަނުކުރާ އުސޫލު ބަދަލުކުރަން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު އެވެ. އޭނާ ހުށަހެޅުއްވި ބިލުގެ ބޭނުމަކީސިވިސް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީިގެންވާ ހަމަހަމަ ފުރުސަތުތަކެއް ހުރިހާ އެންމެނަށް ވެސް ހޯދައިދިނުމެވެ. ހަމައެއާއެކު ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހި އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑަކުން ހިދުމަތް ފޯރުކޮށްދިނުމެވެ.

މިހާރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަނީ ކައުންސިލްތަކުގެ ލަަފަޔާއެކު އެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ބިލްގައި ބައިވެރިވި ތިން މެމްބަރުން ވެސް ވަނީ އެ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ.

ބިލަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔައީ އެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ އެއްބާރުލުން ނުލިބުން ކަމަށެވެ. އަދި ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސްގެ ކޮމިޝަނުން ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާ ގޮތަށް ލާމާރުކަޒީ ގާނޫނަށް އިސްލާހު ގެނައީވެސް އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ކަމަށެވެ.

ޝަފީގު ވިދާޅުވީ މިނިސްޓްރީތަކުގެ އެންމެ އިސް ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވާ ޕާމަނަންޓް ސެކްރެޓަރީ ވެސް އެ މަގާމަށް އައްޔަނުކުރަނީ މިނިސްޓަރުގެ ލަފަޔާ އެކުގައި ކަމަށެެވެ.

އިނުގރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ލާމަރުކަޒީ ގާނޫނު އެކުލަވާލީ ގިނަ ބައެއްގެ ލަފާ ހޯދުމަށް ފަހުގައި ކަމަށާއި އެހެންކަމުން ކައުންސިލްތަކަށް އެސްޖީން އައްޔަނުކުރާއިރު ކައުންސިލްތަކުގެ ލަފާ ހޯދަން މިހާރު އޮންނަ އުސޫލު އެގޮތުގައި ބާއްވަން ތާއިދުކުރައްވާ ކަމަށެެވެ.