ކޮވިޑް ޖެހިގެން ލ. ގަމުން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 199 އަށް އަރައިފި އެވެ.

ގަން ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑަށް ފަރުވާދެމުން ދިޔަ 59 އަހަރުގެ އަންހެނަކު މިރޭ މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވީ މިރޭ 9:23 ގަ އެވެ. އޮފިޝަލް ވިދާޅުވީ އެއީ ކުރިން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. މަރުވީ އަލުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވުމާއެކު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

މީގެއިތުރުން ފުލުހުންގެ ހުއްދައާ އެކު ނޫނީ މާލޭގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ދެ ހަފްތާވީއިރު، ކޭސްތައް ވަރަށް ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. މިހާރު މާލެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށް ކުރެވިފަ އެވެ. މި ބައްޔަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 79 މީހުންނެވެ.