މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަންގެ ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވާތީ މަގާމުން އެކަހެރިކުރި ޔޫތް މިނިސްޓްރު އަހުމަދު މަހްލޫފްގެ ބަދަލުގައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ޔޫތް މިނިސްޓްރީ ހިންގުމާ ހަވާލުވިކަން ރައީސް އޮފީހުން ވަނީ އޮންލައިން ނޫހަކަށް ކަށަވަރުކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން ޕީޖީން އެ ކަމުގައި ގޮތެއް ނިންމަވަން ދެން މަގާމުގެ މަސައްކަތުން އެކަހެރިވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގައިފަ އެވެ.

ޑރ. މައުސޫމް ޔޫތް މިނިސްޓްރީ ހިންގުމާ ހަވާލުކުރައްވާފައި ވަނީ މަހްލޫފް މަގާމުން އެކަހެރި ކުރުމުގެ ކުރިންނެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅިގެން މަހްލޫފަށް ދައުވާކުރަން ފޮނުވުމުން އޭނާ ވަނީ އެކަމާ ގުޅިގެން ފޭސްބުކުގައި ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓުގައި މަހްލޫފު ވިދާޅުވެފައި ވަނީ، ހިޔާނާތުގެ މައްސަލާގައި އޭނާއާ މެދު އަމަލުކުރަމުން ދަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާއަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އޭނާ މިނިސްޓަރު ކަމުން ވަކިކުރަން ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި މަހްލޫފް ވިދާޅުވެފައި ވަނީ އޭނާއަކީ މިނިސްޓަރުކަމުގެ މަގާމުގައި ބަގުުޑިި ބައްދައިގެން ހުންނާނެ މީހެއް ނޫން ކަމަށެވެ. ގާނޫނާއި ގަވާއިދާއި އެއްގޮތަށް ސިޔާސީ ނުފޫޒު ނެތި އޭނާއަށް ދައުވާކުރަން ފޮނުވިނަމަ ކުރިން ވިދާޅުވިގޮތަށް އިސްތިއުފާ ދެއްވާނެކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.