ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރަންވޭއަށް މަރާމާތު ކުރާތީ ކުރިން ރަންވޭ ބަންދުކުރާ ގަޑި އަވަސް ކުރަން ނިންމާފައިވާ ކަމަށް ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ، މިމަހު 27 ވަނަ ދުވެހުން ފެށިގެން އޮގަސްޓު 12 ވަނަ ދުުވަހުގެ ނިޔަލަށް ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައި ރަންވޭ އަވަހަށް ބަންދު ކުރާނެ ކަމަށެވެ.

އެގޮތުން މިމަހު 27 އިން ފެށިގެން އެއާޕޯޓުގެ ރަންވޭ ކޮންމެ ރެއަކު 11:30 ގައި ބަންދުކުރާނެ ކަމަށެވެ. އަލުން ރަންވޭގެ ހިދުމަތް ފަށާނީ ހެނދުނު 6:30 ގައި ކަމަށެވެ. މީގެ ކުރިން އެއާޕޯޓުގެ ރަންވޭއަށް ލިބޭ ގެއްލުންތަށް މަރާމާތު ކުރަނީ 12:00 ގައި ފަހުންނެވެ. މިފަހަރު 30 މިނިޓު ކުރިން ރަންވޭ ބަންދު ކުރާއިރު، ރަންވޭއަށް މަރާމާތު ކުރަނީ ކިހައި ވަރެއްގެ ގެއްލުމެއް ލިބިގެންކަން ސާފެއް ނޫނެވެ.

އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކުން ރަންވޭއަށް ބަދަލު އަންނަ ގަޑިއަށް ސަމާލުކަން ދީގެން ދަތުރުތަށް ރޭވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ރަންވޭ ބަންދުކުރާ ގަޑި އަވަސްކުރުމާ ގުޅޭގޮތުން އެއާލާއިންތަކަށް ދޭން ޖެހޭ މައުލޫމާތާއި އިރުޝާދު ދިނުމުގެ މަސައްކަތް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ.