މޯޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ((އެމްއެމްޕީއާރްސީ) ކޮރަޕްޝަނަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލައިގެ ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށްވުމުން ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ކޮރަޕްޝަނުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. ދައުވާތަށް އުފުލީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ.

މަހްލޫފަށް ދައުވާކޮށްދޭން އޭސީސީން އެދުމުން ބައެއް ކަންކަން އިސްލާހުކުރަން ޖެހޭކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އެ ކަންކަން ފުރިހަމަވުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޝަމީމުގެ ވާހަކަރަށް ރައްދު ދެއްވާ މަހްލޫފް މިއަދު ވިދާޅުވީ، ދައުވާ އުފުލީ ތަހުގީގު ފުރިހަމަ ނުވަނީ ކަމަށެވެ. އެކަން ޔަގީންވަނީ ޕީޖީ އޮފީހުން އޭސީސީއަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވި ސިޓީން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ފުލުހުން އޭނާގެ މައްސަލަ ޕީޖީއަށް ހުށަހެޅި ކަމަށާއި އޭރު ވެސް އެންގީ ތަހުގީގު ފުރިހަމަކުރަން ކަމަށެވެ.

"އޭގެ ފަސް މަސް ފަހުން އޭސީސީން ހަމަ މައްސަލަ އޮތް ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވީމާ އަނެއްކާވެސް ޕީޖީ އެންގެވީ ފުރިހަމަކުރަން،" މަހްލޫފް ވިދާޅުވި އެވެ.

ދައުވާ އުފުލަން ފޮނުވާފައިވާ މައްސަލަތަކުގެ ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށްވުމުން އޭނާގެ މައްޗަށް ގާނޫނީ ހަމަތަކުން ބަލާއިރު ދައުވާ ނުކުރެވޭނެކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދިި އޭނާ ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މައްސަލަ ނިމެންކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމު ވިދާޅުވީ، ދައުވާކުރަން މައްސަލައެއް ފޮނުވާ ހިސާބުން ޕީޖީ އޮފީހަށް މުހިއްމުވަނީ ކޯޓުގައި އެ މައްސަލަ ސާބިތުކުރެވޭވަރުގެ ހެކި ހުރިތޯ ބެލުން ކަމަށެވެ. އެއީ ކޯޓުން އަންނާނެ ސުވާލުތައް ތަސައްވަރު ކުރެއްވޭތީ ކަަމަށެވެ.

ޝަމީމު ވިދާޅުވި ގޮތުގައި މަހްލޫފަށް ދައުވާކުރަން އެދުނު މައްސަލައިގައި ވެސް ކަންތައްތަކެއް ފުރިހަމަކުރަން އެދުނީ އެހެންވެ އެވެ.ބައެއް ކަންކަން ފުރިހަމަކުރަން އެންގީ ވަކި މީހެއްގެ މައްސަލައަކަށްވީތީތޯ ނޫސްވެރިންގެ ތަކުރާރުކޮށް ސުވާލުކުރުމުން ޝަމީމް ވިދާޅުވީ ވަކި މީހަކަށް ވީތީ ދައުވާކުރަން ނުވަތަ ނުކުރަން ނިންމައިފައެއް ނޯންނާނެ ކަމަށެވެ.