އިސްލާމިކް ކޯޕަރޭޝަން ފޯ ދި އިންޝުއަރެންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައިސީއައިސީ)ގައި ރާއްޖެ ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އައިސީއައިއީސީގައި ބައިވެރިވާން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން މީގެ ކުރިން އޮތީ ފާސްކޮށްފަ އެވެ. އަދި މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އައިސެކްގައި ބައިވެރިވާން 52 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

ރާއްޖެ ބައިވެރިވާން މަޖިލީހުން ރުހުން ދިން އައިސީއައިސީއަކީ މެމްބަރު ގައުމުތަކަށް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރާ ކޯޕަަރޭޝަނެކެވެ.

އައިސެކްގެ މެމްބަރަކަށް ވާން ރާއްޖެއިން ރަސްމީކޮށް ހުށަހެޅީ 2017 ވަނަ އަހަރު އެވެ. އަދި ރާއްޖޭގެ ހުށަހެޅުމާ ގުޅިގެން އައިސެކްގެ މެމްބަރު ގައުމަކަށް ވުމަށް ސްޓޮކް އޮފް ކެޕިޓަލްގެ ގޮތުގައި 250 ހިއްސާ ސަބްސްކްރައިބް ކުރަން އެ ކޯޕަރޭޝަނުން ވަނީ ފާސްކޮށްފަ އެވެ.

އެ ކޯޕަރޭޝަންގައި ރާއްޖެއިން ބައިވެރިވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ފައިނޭންސިން ފެސިލިޓީތަކަށް ދޮރު ހުޅުވިގެން ދިއުމާއި ބޭންކް މަސްޓަރީ ޕޮލިސީގެ ދަށުން ނޮން ޕާފޯމިން ހަރުމުދާ މަދު ކުރަން އެހީތެރިކަން ފޯރުކޮށްދޭ ރިސްކް މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، ބޭންކް އޮފް އިންޓަނޭޝަނަލް ސެޓެލްމަންޓް (ބީއައިއެސް)ގެ ކެޕިޓަލް އެޑިއުކްސި ރޭޝިއޯ ރަނގަޅު ކޮށްދިނުމާއި އިސްލާމީ ޝަރީއަތުގެ އޮނިގަނޑާ އެއްގޮތަށް ފައިނޭންޝަލް ފެސިލިޓީތައް ތައްޔާރުކުރަން އެހީވެދޭނެ އެވެ.