އައްޑޫގައި ސްރީލަންކާގެ ކުންފުންޏަކުން ހިންގި ފްލައިން ސްކޫލް، ރާއްޖޭގެ އެވިޑް ކޮލެޖުން ގަނެ، ފްލައިން ސްކޫލް ހިންގުމުގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.

އެވިޑް ކޮލެޖުން، އައްޑޫ ފްލައިން ސްކޫލް ނުވަތަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގަނެ، އެ ސްކޫލު ހިންގުމާ ހަވާލުވިއިރު، އޭއޭއޭގެ ހިންގުން ދޯދިޔާވެ، ދަރިވަރުންގެ ކޯސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭ މައްސަލަ ވަނީ ހޫނުވެ ދަރިވަރުން ވަނީ އެކަމުގެ ޝަކުވާ ސަރުކާރު އިދާރާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވެ އެވެ.

މިއަދު އައްޑޫގައި ބޭއްވި ހަފްލާއެއްގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ. އޭއޭއޭ އިން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ. އެއްބަސްވުމުގައިވާ ގޮތުން، ފްލައިން ސްކޫލު ހިންގާނީ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ)ގެ ނަމުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރި މުޝްތާގް ވިދާޅުވީ، އެވިޑް ކޮލެޖުން ފްލައިން ސްކޫލާ ހަވާލުވެ، އެންމެ އިސްކަން ދޭނީ މިހާރު އެ ސްކޫލުގައި ކިޔަވަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުގެނައުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ވީ އެންމެ އަވަހަކަށް ދަރިވަރުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް ވަކިވަކިން ދެނެގަންނާނެ ކަމަށެވެ. އަދި ދަރިވަރުންގެ އިތުރުން އެ މީހުންގެ ބެލެނިވެރިންނާ ވެސް ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ބައްލަވަން ވަނީ ނިންމަވައިފަ އެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ހިޔާލުގެ އެހީގައި ސްކޫލުގެ ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވި އެވެ.

ފްލައިން ސްކޫލު އިމާރާތް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައިވާއިރު، އޭއައިއޭގެ ބޯޑާ ބައްދަލުކުރައްވައި، އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން މަޝްވަރާ ކުރުމަށް އޭއައިއޭގެ ބޯޑަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް މުޝްތާގު ވަނީ ވިދާޅުވެފަ އެވެ އަދި އައްޑޫ ފްލައިން ސްކޫލާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ވެފައިވާ އެއްބަސްވުން ކެންސަލްކޮށް ދިނުމަށް ނުވަތަ އިތުރު އެކްސްޓެންޝަނެއް ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެ އިމާރާތް ހުސްކުރަން ޖެހިއްޖެ ހާލަތެއްގައި، އެހެން ގޮތެއް ހޯދުމަށް ސަރުކާރުގެ އެހީ ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޝްތާގް ވިދާޅުވީ، ދަރިވަރުންގެ ތަމްރީނުތައް ނުވަތަ އުދުހުން މެދުކެނޑިފައިވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ރާއްޖެ ގެނައުމަށް މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ސްޕެއާ ޕާޓްސް ގެނައުމަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ކަންކަން ބޭންކުގެ އެހީއާއެކު ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔަވައިދޭ އިންސްޓްރަކްޓަރުންނާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް މީގެ ކުރިން އެ ސްކޫލުގެ ދަރިވަރުން ހާމަކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މުޝްތާގް ވިދާޅުވީ، ކިޔަވައި ދިނުމަށް އިތުރު އިންސްޓްރަކްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް މިވަގުތަށް އޭނާ ނިންމަވާފައި ވަނީ އެ ސްކޫލުގައި މިހާރު ތިބި އިންސްޓްރަކްޓަރުންގެ ބޭނުން ހިފާށެވެ.