ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން އިއްޔެ 900 މީހުން ޖަހައިފި އެވެ.

މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 186،571 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ރޭ އާއްމުކުރި އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު އިއްޔެ ވެކްސިންގެ ޖެހި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 362 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 538 މީހުން ހިމެނެ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 153 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ހަ ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެ އެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް މޮބައިލް ދެ ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.