ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވާ ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލައި ނިންމަން ކަނޑައެޅި މުއްދަތު އިތުރުކޮށްފި އެވެ.
މިމަހުގެ ހަ ވަނަ ދުވަހު އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި ބައްދަލުވުން ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް ސޯޝަލް މީީޑިއާގައި އޮތީ ލީކުކޮށްލައިފަ އެވެ. އެއާއެކު އެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މެމްބަރުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި ބައެއް މެމްބަރުންނަށް ވަނީ މަރުގެ އިންޒާރު ވެސް ލިބިފަ އެވެ.
މި މަހުގެ ނިޔަލަށް ވޯޓުލީ ގޮތް ލީކުވި މައްސަލަ ބަލައި ނިންމަން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިއަދު ބޭއްވި ސަބް ކޮމެޓީގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެދިވަޑައިގެންނެވީ އެ މައްސަލަ ނިންމަން ކަނޑައެޅި މުއްދަތު އަންނަ އޮގަސްޓު މަހުގެ 30 އަށް އިތުރު ކުރުމަށެވެ.
ހާރުންގެ ހުށަހެޅުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތާއީދުކުރެއްވުމާ ގުޅިގެން އަންނަ އޮގަސްޓް މަހުގެ 30ގެ ކުރިން މައްސަލަ ބަލައި ނިންމަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިމްތިޔާޒު ކޮމެޓީގައި ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކުކޮށްލީ އެ ކޮމެޓީގައި އިންނެވި މެމްބަރެއް ކަމަށް ބައެއް މެންބަރުން ތުހުމަތު ކުރައްވަ އެވެ. ވޯޓުލީ ގޮތް ލީކުކޮށްލި މައްސަލަ ސަބް ކޮމެޓީން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.
އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.