އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ލުއި ތަކެއް ދޭން ނިންމައިފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެއީ ހުރިހާ ރަށަަކަށް ނުވަތަ ވަކި ރަށްތަކަކަށް ދިން ލުޔެއް ކަމަކަށް ރައީސް ވިދާޅެއް ނުވެ އެވެ. ކޮވިޑްގެ ހާލަތު މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ގޯސްވުމުގެ ކުރިންވެސް ކޮވިޑް ޖެހިފައި ތިބި މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދީފައި އޮތެވެ.

މާލެ އިން އަތޮޅު ތެރެއަށް ދަތުރުކުރުމަށް މިވަގުތު ހުއްދަ ދެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވެނީ ކައުންސިލްތަކުގެ ހުއްދަ ލިބިގެންނެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ބަލާއިރު މިހާތަނަށް މުޅި ރާއްޖެއިން 73،483 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި މިހާތަނަށް 69،378 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި ރަނގަޅު ނުވެ މިވަގުތު ތިބީ 3،883 މީހުންނެވެ.