އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭ ހުށަހެޅި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެއެއް ހަމަޖައްސަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ދެ ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގު ނެވެ.

މި ދެ އިސްލާހުގައި ވަނީ ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާއެކު، އެ ދެ ބޭފުޅުންނާއެކު ރަސްމީ ގެކޮޅުގައި ދިރިއުޅުއްވޭނެ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް ކަނޑައަޅާފަ އެވެ. އޭގެ އިތުރަށް އެ ގެކޮޅުތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހަމަޖެއްސުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅަކީ އެތަނުގައި ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖެއްސޭ މިންވަރުގެ ގެކޮޅަކަށްވާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު އިސްލާހަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ރަސްމީ މުވައްޒަފުން ސުޕްރީމް ކޯޓުން ހަމަޖައްސާ ގޮތަށް އަދި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ރަސްމީ މުވައްޒަފުން މަޖިލީހުން ހަމަޖައްސާ ގޮތަށްވަނީ ބަދަލުކޮށްފަ އެވެ.