ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމް ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ބޮން ގޮއްވާލުމުގެ ގަޑިއެއްހާ އިރު ކުރިން ނަޝީދު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެ ހުންނަ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އަދި އޭގެ ދުވަސްކޮޅެއް ނަޝީދަށް ފާރަލާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އަދުހަމަކީ ނަޝީދު ކާރުކޮޅާ އަރާހަމަވިތަނާ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި މީހާ ކަމަށެވެ. ނަޝީދު ކެނެރީގެއިން ނުކުންނަވައި މަޖީދީމަގުގައި އޮތް ކާރުކޮޅާ ހިސާބަށް ވަޑައިގަންނަވަންދެން އަދުހަމް އަތަމާ ޕެލަސް ގޯޅިތެރޭގައި ހުންނަތަން ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.

"އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހްމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވެ އެވެ" 241 ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގޮއްވާލި ބޮން ނުވަތަ އިމްޕޮރްވައިޒް އެކްސްޕޯސިވް ޑިވައިސް (އައިއީޑީ) ބަހައްޓާފައި ހުރި ސައިކަލް ޕާކުކުރީ މެއި ފަސް ވަނަ ދުވަހުގެ ރޭ 8:01 ގައި އެވެ. އޭގެ ފަހުން ޖެހިގެން އައި ރޭ 8:27 ގައި ބޮން ގޮއްވާލަން ދެން ސައިކަލް ހުރި ގޮތަށް އެތަނުގައި ހުރީ އެވެ. އައިއީޑީ ހަރުކޮށްފައި ވަނީ ގޮއްވާލި ސައިކަލުގެ މަޑި ދަށުގަ އެވެ.

ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން އެއް ފަހަރަށް ވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ، ގ. ކެނެރީގެ ސަރަހައްދު ބަލާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގައެއް ހުޅުވަން އެމަނިކުފާނު ވަޑައިގެން އުޅުއްވަނިކޮށް ދުރުގައި ތިބެގެން ބަޔަކު އެމަނިކުފާނުގެ ފޮޓޯ ނަގައި ހަރަކާތްތައް ބަލައި ހަދާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.