މިއަހަރު އާއްމު ބަލިތައް ރިޕޯޓްކޮށްފައިވާ މިންވަރު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީމިދިޔަ އަހަރާއި މިއަހަރު މިފަދަ ބަލިތައް މަދުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮވިޑް-19ގެ ސަބަބުން އަމިއްލަ ރައްކަލަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމުގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކިބަލިތައް ގިނައި ރިޕޯޓް ކުރާ ކަމަށާއި އެހެން ނަމަވެސް މިއަހަރު މިހާތަނަށް އައިއރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލި ރިޕޯޓް ކޮށްފައިވާ މިންވަރު މަދު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެކަމަކު މިއަހަރުގެ މޭ މަހުގެ ތެރޭގައި ޑެންގީގެ 12 މައްސަލަ އަދި މިދިޔަ ޖޫން މަހު ޑެންގީގެ ހަތް މައްސަލަކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުން ވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ވަނީ މަދުވެފަ އެވެ. އެގޮތުން މިއަހަރުގެ މޭ މަހު 12،216 ކޭސްއް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 5،168 އަށް ދަށްވެފަ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތް ވެސް މިއަހަރު ވަނީ މަދުވެފަ އެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި މިފަދަ 1،451 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ 882 ކޭސް އެވެ.