އޭޕްރީލް މަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ދެވަނަ ޑޯޒް ޖެހުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު މީހާއާއި ބެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އެޖެންސީން ވަނީ އެޕޮއިންޓްމެންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށާއި ވެކްސިން ކާޑާއި އައިޑީ ކާޑު ގެންދިއުމަށް އެދިފަ އެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަމުން ގެންދެ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ.

ވެކްސިންގެ އެއް ޑޯޒް ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް ހުރީ 319,378 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 242،370 އަށް އަރަ އެވެ.