އުމުރުން އެންމެ ހަ އަހަރާއި ނުވަ މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު ބ. ހިތާދޫ، ޑެއިޒީމާގެ، އަމަން އަހުމަދު އާތިފުއާ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ ދެކަނބަލުން ވަނީ އަމަން އަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ. މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރީތީ އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، އަމަންގެ މަންމަ، ލުބާނާ މުޙައްމަދަށާއި ބައްޕަ އަހުމަދު އާތިފަށް ވެސް، ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މިބައްދަލުކޮށްލެއްވުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުޤުވެރިވިގޮތާގުޅޭގޮތުން ރައީސް ސޯލިހު މަޢުލޫމާތު އޮޅުންފިލުއްވި އެވެ. އަދި ރައީސްގެ އެދިވަޑައިގަތުމަކަށް އަމަން ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔައިދިނެވެ.

އަމަން، ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން، އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން، މި ބައްދަލުކުރެއްވުމުގައި، އަމަންއާ ޙަވާލުކޮށްދެއްވީ ރައީސް ސޯލިހު އެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް އޭނާއަށް ރައީސް ދެއްވި އެވެ.

އަމަންގެ މަންމަ ލުބާނާ އާއި، ބައްޕަ އާތިފު ދެއްކެވި ވާހަކައިގައި، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރެއްވި އެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސްގެ ދެކަނބަލުންނަށް ޝުކުރު ދެންނެވި އެވެ.

އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ޙާފިޡު ކަމުގެ އިމްތިޙާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅުއްވާފަ އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯރ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި قرآن ، އިސްލާމް، ޢަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެ އެވެ.