ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބުނު 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދިފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.

ހިޔާ ޔޫނިއަން އިން ބުނީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ހިޔާ އެހެން ފްލެޓަކަށް ބަދަލުވާ ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލުމުން 900 އަށް ވުރެން ގިނަ މީހުން އެކަމަށް އެދިފައިވާ ކަމަށެވެ.

"ޓަވަރެއްގެ ތިރީ ބުރިން ފްލެޓް ލިބުނު މީހަކު މަތީ ބުރިއަށް ބަދަލުވާން ބޭނުން ނަމަ، ނުވަތަ މަތީ ބުރިން ފްލެޓް ލިބުނު މީހަކު ތިރީގެ ފްލެޓަކަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް ގުޅިގެން އެކަން ކުރެވޭ ގޮތަށް ހުޅުވާލީ. އެކަމަށް ހާއްސަ ފްލެޓް އެކްސްޗޭންޖް ޕްލެޓްފޯމެއް ވާނީ ހަދާފައި،" ހިޔާ ޔޫނިއަން އިން ބުންޏެވެ.

ފްލެޓް ލިބުނު މީހުން ހިމެނޭ ވައިބާ ގްރޫޕެއް ވެސް އެ ޔޫނިއަނުން ހިންގަމުން އަންނައިރު ފްލެޓް ބަދަލުކުރުމަށް އެތައް ބަޔަކު ވަނީ އެ ގުރޫޕުގައި އެދިފަ އެވެ.

ހިޔާ ޔޫނިއަން އިން އިތުރަށް ބުނީ އެޗްޑީސީއިން މިހާތަނަށް ފްލެޓް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަންދީފައިވަނީ 150 މީހުންނަށް ކަމަށެވެ.

ހިޔާ ފްލެޓް ބަދަލުކުރުމަށް އެޗްޑީސީއަށް ހުށަހެޅި މީހުންގެ އަދަދެއް އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް މިހާރު ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ފްލެޓް ލިބުނު ފަރާތްތަކާ މެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެފަރާތްތަކާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފްލެޓް ލިބުނު 6،720 މީހުންނަށް އީދު ބަންދަށް ފަހު އަންނަ އާދިއްތަ ދުވަހު އަލުން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ އެވެ.

ފިނިޝިންގެ މަސައްކަތް ނުނިންމައި ފުރަތަމަ ފަހަރަށް ދޫކުރާ މި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ސާވިސް ފީއާއެކު މަހު ކުލީގެ ގޮތުގައި 8،500ރ. އެޗްޑީސީއަށް ނަގާނެ އެވެ. އެކަމަކު އެ ކުލި ކުޑަކުރުމަށާއި ފިނިޝިން ނިންމުމަށްދޭ ތިން މަސް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ފްލެޓް ލިބުނު މީހުންދަނީ އާދޭސް ކުރަމުންނެވެ.

ނަމަވެސް މިހާތަށް ސަރުކާރުން މިކަމަށް އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެ އެވެ. ހިޔާ ޔޫނިއަން އަދި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ވެސް ހިޔާ ފްލެޓްގެ މައްސަލާގައި ގިނަ ސިޓީތަކެއް ކަމާބެހޭ އިދާރާތަކަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު މިހާތަނަށް އައިރުވެސް އެކަމަށް ހައްލެއް ލިބިފައި ނުވެ އެވެ.