އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި އަދިވެސް ގޮތެއް ނިންމާފައިވަނީ ދިރާސާ ކުރަމުން އަންނާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ހުރިހާ" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ފޮނުއްވި މައްސަލަ އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ޕީޖީ ވަކި ގޮތެއް ނިންމުން ލަސްވެގެންދަނީ ތަހުގީގީ އިދާރާތަކާއެކު ކުރަން ޖެހޭ މަސައްކަތްތަކެއް ނިމިފައިނުވާތީ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ފުރިހަމަ ކުރަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އޭސީސީގައި ދެ ފަހަރު ވެސް އެދިފަ އެވެ.

ޕީޖީ އޮފީހުން އެދިފައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު އޭސީސީއިން ވަނީ އަލުން މިނިސްޓަރު މަހްލޫފުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުއްވާފަ އެވެ. އެގޮތުން އޭސީސީއިން އެމައްސަލަ އަލުން ފުރިހަމަ ކޮށްފައި ފޮނުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވި ފަހު އެއް މަސް ވެގެންދާއިރުވެސް ޕީޖީ އިން އެމައްސަލާގައި ގޮތެއް ނިންމާފައިނުވާތީ ޕީޖީއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ވަކި މައްސަލައެއްގައި ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމަށްވެސް ޕީޖީ ސަމީމް އަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު މަހްލޫފް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ.

މަހުލޫފުގެ މައްސަލަ ބަލަމުންދާއިރު، އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން، އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހެއްކެއް ނުހުންނާނެ ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.