ކޮވިޑުން ދިފާއުވުމަށް ހިންގާ ވެކްސިން ޖެހުމުގެ ޕްރޮގުރާމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުން ދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ވަނީ ފަށާފަ އެވެ،

މި ކެމްޕޭނުގައި ރާއްޖޭގެ ދިރިއުޅޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީއަށް ވާވަރަށް ކޮވިޑް ވެކްސިން ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކެމްޕޭނާއި ގުޅޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިއްޕަވައި އާއްމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ ރާއްޖޭގެ އިގްތިސާދާއި ގައުމުގެ ކުރިމަގަށް ވެސް އޮތް ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު. މި ފުރުސަތުގެ ބޭނުން ހިއްޕަވައި އާއްމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ!" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 ޕަސެންޓް އަދިވެސް ވެކްސިން ފުރިހަމަ ނުކުރާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެންހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވަ އެވެ.

ވެކްސިންއާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ ހިމެނެނީ ވެކްސިން ޖަހަން ޖެހޭ މުޅި އާބާދީއަށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށް މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަބްރޫކްވަނީ އެދިވަޑައިގެންފަ އެވެ.