ރާއްޖެއިން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދެ ޑޯޒް އިތުރު 3،397 މީހަކު ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،397 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 1،298 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 2،099 މީހުންނެވެ. މިއާއެކު ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 274،949 އަށް އަރާފަ އެވެ.

މީގެ އިތުރުން ކޯވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،492 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 860 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 632 މީހުންނެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ވެކްސިން ޖެހޭ އާބާދީގެ އެންމެން ވެކްސިން ޖެހުމަށާއި ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.