މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް މާރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ އަހަރު މިއަހަރު ފުރުމާ ގުޅިގެން މަރުގެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން މަސައްކަތްކުރަމުން އަންނަނީ ރިޟްވާނުގެ މައްސަލާގައި އިންސާފު ގާއިމުކުރުމަށް ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި މީހުންނަށް އެ މީހަކު ބައިވެރިވި މިންވަރާ އެކަށޭނެ ގޮތެއްގައި ޒިންމާކުރުވަން ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ތަހުގީގު ހިންގުމުގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަ ކުރަވަމުން އެކޮމިޝަނުން ބުނީ މިމައްސަލާގައި މައުލޫމާތު އެނގޭ މީހުން ހެކިބަސް ދިނުމަށް ޖެހިލުންވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން ބުންޏެވެ.

"މީގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެ، މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމުގައި ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަރު ކޮމިޝަނުން ބުނިގޮތުގައި، ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މިހާރު ވެސް އަންނަނީ އެކުލަވައިލަމުންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރާއްޖޭގެ އިޖުތިމާއީ، ސިޔާސީ، ދީނީ އަދި އާބާދީގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިޢާޔަތް ކުރެވި، ރާއްޖެފަދަ ޤައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރަމެވެ." ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިލްވާންއަށް ވީގޮތުގެ ހަގީގަތް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އާއި އޭނާއަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ސުވާލު އުފައްދަމުންނެވެ. އަދި އެކަމަށްޓަކައި ރައީސް އެކުލަވާލެއްވި ކޮމިޝަނުންގެ މެމްބަރު މުސާރަ ނެގުން ފިޔަވައި އިތުރުކަމެއް ކުރެވިފައިނުވާ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނޫސްވެރިނޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު އެވެ.