ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުޑަކުރަން އާއްމުން އެދުނު ނަމަވެސް އެ މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ފްލެޓްތަކުގެ ކުލީގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ކުލި ނަގައިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުންދާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އިއްޔެވަނީ ކުލި ކުޑަކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފަ އެވެ.

ނަމަވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުޙައިލް އަހުމަދު މިއަދު ވިދާޅުވީ ފްލެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށެވެ.

ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައި ވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި 1000 ރުފިޔާ އެވެ. މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައި ވަނީ ކުރީ ސަރުކާރުން ނަގަން ނިންމާފައިވާ ގޮތަށް 5،600 ރުފިޔާއަށް ކުލި ކުޑަ ކުރުމަށެވެ.

"ކުލި ކުޑަކުރަން ބަލާއިރު، އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައި އޮންނާނެ ލޯނު ދެއްކުމަށް އަޅުގަނޑުމެއްނަށް މިކުލީގައި ނޫނީ ނެތް ލޯނު ދެއްކޭކަށެއް. އެހެންވީމަ އަދިއެއް އިތުރު ބަދަލެއް އައިސްފައިނެތް ކުލި ދެއްކުމަކަށް. ހަމަ ކުރިން ކަނޑައެޅިފައޮތް ގޮތަށް 7،500 މަހަކު ނަގާނީ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދާއިރު ފުރަތަމަ ބުރުގައިވެސް ސޮއިނުކުރާ 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި އެއްވެސް ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ ފިނިޝިން މުއްދަތު އިތުރުކޮށް ނުދޭނެކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ މަހުގެ އެކަކުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުރިހާ ފްލެޓްތަކަށް ވެސް ކަރަންޓު ދީ، އެ ދުވަހުން ފެށިގެން ފިނިޝިންގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ފްލެޓް ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑިއާ ހަވާލުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.