ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ 190 މީޓަރު ދިގު (623.36 ފޫޓު)ގެ އެ އާގު ބޯޓު އަރާފައި ވަނީ ރަސްފަރިގެ ހުޅަނގު ފަރާތު ފަރަށް ކަމަށެވެ.

ކ. އަތޮޅު އުތުރުގައި އޮންނަ ޖުމްލަ ތިން ހެކްޓަރުގެ ރަސްފަރިއަކީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެވެ. އަދި އެ ރަށުގައި ހުންނަނީ ހަމައެކަނި މުއާސަލާތީ ހިދުމަތް ދޭން ދިރާގުން ބޭނުންކުރާ އެންޓަނާ އެވެ.

ބޮޑު ފަޅެއް އޮންނަ އެ ރަށާ އެންމެ ކައިރީގައި އޮންނަނީ ކޮކޯޕާމް ބޮޑު ހިތި ރިސޯޓެވެ.

ކ. ރަސްފަރި ފަރަށް އެރި އާގުބޯޓު. ފޮޓޯ: އެމްޑީއެފް

އެމްއެންޑީއެފް އިން ބުނީ މި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:48 ހާއިރު އެވެ.

ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޮސް އަމަރީލިސް" ކިޔާ ބޯޓެކެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި އާގު ބޯޓު ފަރަށް އަރައިފައި ވަނީ ރަސްފަރި ކައިރިން އިންޖީން ހުއްޓުމުން ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

4.393230, 73.351269

އެމްއެންޑީއެފް އިން ބުނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފަރަށް އެރުމާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތެރިވާން ފަށާފައިވާ ކަމަށެވެ.