ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް ކަރަންޓް ދިނުން މެދުކަނޑާލާފައިވާކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ވަނީ މިއަދު ކަރަންޓު ދިނުމަށް ނިންމާފައިވާ ހިޔާފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެޗްޑީސީން މިހާރު އެ ބިލްޑިންގަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތަކަށް ދާއީމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ހައުސިން ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯ ސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ އަދަދު ފަހުން ވަނީ 6،720 ބަދަލުކޮށްފަ އެވެ.
ހިޔާ ފްލެޓްތަކަށް ކުލީގެގޮތުގައި 7،500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1،000 ރ. އާއެކު ޖުމްލަ 8،500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެ އެވެ.
ހިޔާ ފްލެޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އެފްލެޓް ލިބުނު ފަރާތްތަކު ސަރުކާރަށް ހުށަހަޅާފައި ވީނަމަވެސް މިއަދާ ހަމައަށް އައިރު އެކަމަށް ދާއިމީ ހައްލެއް ސަރުކާރުން ހޯދައިދީފައެއް ނުވެ އެވެ.