ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަން ކުރިން ތާވަލްކުރި ދުވަސްތަކުގައި ސޮއިނުކުރެވުނު ފަރާތްތަކާއެކު ސޮއިކުރުން ކުރިއަށް ގެންދާނެ ތާވަލެއް އެޗްޑީސީން ނެރެފި އެވެ.

އެޗްޑީސީން ބުނީ އެކި ސަބަބުތަކާއި ހުރެ އެއްބަސްވުމުގައި ސޮއިނުކުރެވި ހުރި ފަރާތްތަކަށް އަލުން ސޮއިކުރުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެޗްޑީސީން ވަނީ ހިޔާފުލެޓު ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ސޮއިކުރަން ވަޑައިގަންނަވަން އެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ގޮތް

ފުލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވެނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމުތައް ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކެވެ. މައުލޫމާތު ފޯމު ހުށަނާޅާ ފަރާތްތަކުން Hiya 7،000 Portal މެދުވެރިކޮށް ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހުރަވީ ސްކޫލްގައި ކުރިއަށްދާ ވަގުތު، ފޯމު ބަލައިގަތުމަށް ހާއްސަ ކުރެވިފައިވާ މޭޒަށް ހުށަހެޅުމަށް އެޗްޑީސީން އެދެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލު ހޯލްގަ އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.