އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ބަޖެޓް އަންނަ އަހަރަށް ކަނޑައެޅުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިސް އިދާރާގެ ބަޖެޓުގެ ޖުމްލަ އަދަދު ފިޔަވައި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފޮނުވާއިރު، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އާންމު ކޮމިޓީގެ ޒިންމާ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވުމަށްޓަކައި، ދައުލަތުގެ އެކި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކާއި، ފިނޭންސް މިނިސްޓްރީން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 177.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ފާސްކޮށްފައި މިވަނީ 6.3 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.