އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން މަރުވީ ދުވުމެއް ފުރިހަމަކުރުމުގެ ތެރޭގައި ކަމަށް ބުނެފި އެވެ.
އެމްއެންޑީއެފް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އއ. ހިމަންދޫ، ރޯޒްމީޑް، ސުލްތާން 22، ތަމްރީނު ހަދަމުން ދިޔައީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކަމަށެވެ. އަދި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް އިއްޔެ މެންދުރު ފަހު ސުލްތާން މަރުވީ އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
"މިދުވުމުގެތެރޭގައި މުޙައްމަދު ސުލްތާން ވެއްޓުމުން ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ ވަނީ މަރުވެފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
އޭޕްރީލް 8، 2018 ގައި ސިފައިންގެ ޚިދުމަތާ ގުޅުނު ސުލްތާން ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް 1 އިން 2024 ވަނަ އަހަރުގެ މާޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ.
އެމްއެންޑީއެފް އިން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.