ކޮވިޑާ ގުޅިގެން ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް 177 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދީފައިވާނެ ކަމަށެވެ. އަދި އެގޮތުން 177.3 މިލިއަން ރުފިޔާ ފްރޮންޓް ލައިންގައި މަސައްތްކުރާ މުއައްޒަފުންނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސްއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރުމާ ގުޅިގެން ކޮވިޑާއި ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމައި، ސަރުކާރުން އެކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

މިގޮތުން ފްރޮންޓްލައިން އެލަވަންސްދޭ މީހުން ތިން ބަޔަކަށް ބަހާލާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ހައި ރިސްކް މީހުންނާއި މީޑިއަމް ރިސްކު މީހުންގެ އިތުރުން ލޯ ރިސްކް މީހުންނެވެ. އަދި ހައި ރިސްކު މީހުންނަށް ދުވާލަކަށް 500 ރުފިޔާ ދޭއިރު، މީޑިއަމް ރިސްކް މީހުންނަށް ދުވާލަކަށް 250 ރުފިޔާ، އަދި ލޯ ރިސްކު މީހުންނަށް ދުވާލަކަށް 200 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ދޭ އެލަވަންސްއަށް ހަރަދުވެފައިވާ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކުރަން ފަށާފައި ވަނީ އެ އެލަވަންސް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާކުރަން ފެށުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިފަދަ ޝަކުވާތައް އައުން މަދުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.