އުމުރު ބަދަލު ކުރުމަށްޓަކައި، ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

މި އުސޫލު މިއަދު ބާތިލުކުރާކަން ފާހަގަކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެކޯޓުން އާންމުކޮށްފައިވާ ބައެއް ނިންމުންތަކަކީ މިހާރަކަށް އައިސް އަމަލު ނުކުރެވޭ ނިންމުންތަކެއް ކަމަށް ބުނެފަ އެވެ.

މިގޮތުން މި ސަބަބާހުރެ އެ ކޯޓުން ވަނީ މިއަދު އެކޯޓުގެ އާންމު މަޖިލީހުން އުމުރު ބަދަލުކުރުމާ ގުޅޭ ގޮތުން ނެރެފައި އޮތް އާއްމު ސިޓީ ބާތިލްކޮށްފަ އެވެ.

އުމުރު ބަދަލުކުރުމަށް ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ނެރެފައިވާ އުސޫލުގެ މަތިން އުފަން ތާރީހު އަންގައިދޭ ރަސްމީ ލިޔުމެއްގެ ޒަރިއްޔާއިން އުމުރު ބަދަލުކުރެވެ އެވެ.

މީގެ އިތުރުން އުފަން ތާރީހު އަންގައިދޭ ގިނަ ލިޔުންތަކެއް ހުރި ނަމަވެސް، އެ ލިޔުންތަކުގައިވާ މައުލޫމާތު ތަފާތުވާ ނަމަ، އެ މައްސަލައްގައި އުފަންވާ ތާރީހް ބަލާނީ އެތަނުން އެންމެ އެންމެ ސައްހަ ލިޔުމަކަށް ރިއާޔަތްކޮށް ކަމަށް އެ އުސޫލުގައި ބަޔާންވެ އެވެ.

އެހެންނަމަވެސް، ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން އެއް ލިޔުމަކީ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީއަތުން އުފަން ތާރީޚާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމަކަށް ވާނަމަ، އެ މައްސަލައެއްގައި އުފަން ތާރީޚް ކަނޑައަޅާނީ ޝަރީއަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ އުސޫލުގައި ބުނެ އެވެ.

އުފަން ތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީއަތަށް ސާބިތުވާ ހާލަތެއްގައި، އުފަން ތާރީޚާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުން ކަމަށް އެ އުސޫލުގައި ބަޔާންވެ އެވެ.