އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިމަހުގެ 18 އިން 25 ގެ ނިޔަލަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދާއި ބައްދަލުކުރެއްވި އެވެ. އަދި ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.
އދ.ގެ ރައީސްގެ ހައިިސިއްޔަތުން ޝާހިދު އިއްޔެ ވަނީ ޔޫއޭއީއަށް ވަޑައިގެންފަ އެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޝާހިދަކީ އަދިވެސް ރާއްޖޭގެ ފޮރިން މިނިސްޓަރެވެ. އެ ވަޒީފާގެ މަސްއޫލިއްޔަތު ވެސް ޝާހިދު އަދާކުރައްވަމުން ގެންދަވަނީ ނިއުޔޯކުގައި ހުންނަވައިގެންނެވެ.
ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރައީސްއަކަށް އިންތިޚާބު ވުމާގުޅިގެން ފޮރިން މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް، ރަސްމީގޮތުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް އެވެ.
އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބު ވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވެފައި ވަނީ، އެ މަގާމަކީ ދާއިމީ ވަޒީފާއަކަށް ނުވާތީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާ ކަމަށެވެ. އަދި އެއީ ރަމްޒީ މަގާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ، ނަމަވެސް މިމަގާމާ ހަވާލުވުމަށްފަހު ވަޒީރު ކަމުގެ ޒިއްމާ އުފުއްލަވަން ރާއްޖޭގައި ޝާހިދަށް ހުންނަވަން ލިބިވަޑައިގަންނަވާނީ މަދު ފުރުސަތެކެވެ.