ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބްރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ ބޯޑުގެ ގިނަ މަސައްކަތްތަކެއްގައި ވަޒީރުގެ ބައިވެރިވުން އޮތް ނަމަވެސް ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބަލައި ވަކިކުރުމާމެދު ލަފާދިނުމުގެ މަސައްކަތް ބޯޑާ ހަވާލުކުރި މާއްދާ އޮތީ މިނިސްޓަރުގެ ދައުރެއް އެ މަސައްކަތުގައި އޮންނަ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ކޮމިޝަންޑް އޮފިސަރުންގެ މައްސަލަތައް ބަލައި އޮފިސަރުންނާމެދު އަޅަން ފެންނަ ފިޔަވަޅަކާ ގުޅޭ ގޮތުން ބޯޑުން ލަފާ ދިނުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޯޑުން ނިންމި ނިންމުމުގައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އަދި ސިޔާސީ އެހެން ބޭފުޅެއްގެ ފަރާތުން ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ބޯޑަށް ގާނޫނުގައި މަތިކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކަކީ ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އޮފިސަރުންތަކުގެ މައްސަލަ ބަލައި ހަތް އޮފިސަރަކާ މެދު ފިޔަވަޅު އަޅަން ލަފާދީ ފޮނުވާފައި ވަނީ މިދިޔަ އޮގަސްޓް ނުވައެއްގަ އެވެ. އެގޮތުން ލަފާ ދިންތާ ދެ މަސްވާން ކައިރިވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަޒީފާއިން ވަކިކުރަން މިހާރު ނޯޓިސް ފޮނުއްވާފައިވާ ކަމަށްވެ އެވެ.