ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ގުޅޭ ޕްރޮގްރާމެއް ފަށައިފި އެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ފަށާފައި ވަނީ ސައުތު ޕޮލިސްގަ އެވެ.

މިގޮތުން ފުލުހުން އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިތުރުން، ޔުނިސެފް މޯލްޑިވްސްއާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި، އާކް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިލްސިލާ ޕްރޮގްރާމްތަކެއްގެ ގޮތުގަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ އިތުރުން ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ. އޭގެ އިތުރުން އަނިޔާ ލިބޭ ކުދިންގެ މައްސަލަތަކާއި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ހިމެނޭ މައްސަލަތަކާއި އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ.

މިއީ ކުޑަކުދިންނާއި އާއިލާތަކާއެކުގައި މަސައްކަތްކުރާ ފުލުހުން، ދާއިރާއަށް ހޭލުންތެރިވެފައިވާ ފުލުހުން ކަމުގައި ހެދުމަށާއި، ގާނޫނު ތަކާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަުގެ އިތުރުން، ފުލުހުންގެ މަސައްކަތުގައި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އޮކްޓޯބަރ މަހުގެ 3 އިން 7 އަށް ގަން އީކުއޭޓަރ ވިލެޖް ރިސޯޓުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް، ސައުތު ޕޮލިސް ޑިވިޝަންގެ 78 މުވައްޒަފަކު ވަނީ ބައިވެރިވެ އެވެ.