ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.

މެމްބަރު ނާޒިލްއަށް ކުރާ ތުހުމަތަކީ މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ ތުހުމަތެކެވެ. މި މައްސަލަ މި މަހުގެ 5 ވަނަ ދުވަހު ފެންމަތިވެފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުން މަޖިލީހަށް ހުށަހަޅާފަ އެވެ.

މިގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއި ގުޅިގެން އަސްލަމަށް ނުރުހުންތެރިކަން ފާޅުކުރުމުގެ ގޮތުން މެމްބަރު ނާޒިލް އޭނާގެ ޖިންސީ ގުނަވަން ދައްކައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެހެންނަމަވެސް މަޖިލިސް ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިލް ވަނީ މިކަން ދޮގުކޮށްފަ އެވެ. އަދި މަޖިލީހުގައި ތިއްބެވި އެއްވެސް މެމްބަރަކަށް އޭނާގެ ޖިންސީ ގުނަވަން ފެނިފައިނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ
އިބްރާހިމް ނާޒިލް

މި މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ދިމާކޮށް، ހިތަދޫގައި މެމްބަރު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގެކޮޅުގައި ބަޔަކު ރާވައިގެން ވަނީ އަލިފާން ރޯކޮށްފަ އެވެ. އެހެންނަމަވެސް އެވަގުތު ވާރޭ ވެހުމުގެ ސަބަބުން އަލިފާންގަނޑު ވަނީ ރޯނުވެ ނިވިފަ އެވެ.

މިމައްސަލައިގައިވެސް ނާޒިމްގެ އަތެއް ވާކަމަށް ކުރި ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެއީ ހަގީގަތެއް ނޫން ކަމަށާއި އޭނާ އަކީ ގޭންގް ކުށްތަކުގައި ބައިވެރިވެ، ކުށްވެރިންނާ ގުޅުންބާއްވާ މީހެއް ނޫން ކަމަށެވެ.