ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން "އިންޑިޔާ މިލިޓަރީ އައުޓް"ގެ ބޮޑު ހަރަަކާތެއް މިއަދު ކ. ހިންމަފުށީގައި ބާއްވައިފި އެވެ.

އިންޑިޔާ މިލިޓަރީ އައުޓް ކެޕްމެއިންއަކީ އިންޑިޔާ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ ބޮޑު ހަރަކާތެއް ކަމަށްވާ މިނިވަންކަމުގެ ދިފާއުގައި ދިވެހިންގެ ދަށުން ކުރިއަށްދާ ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތެކެވެ.

ހިންމަފުށީގައި ކުރިއަށް ދިޔަ އިންޑިޔާ އައުޓް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް

މިއަދު އިދިކޮޅުގެ ޓީމެއްވަނީ ހިންމަފުށްޓަށް ގޮސް ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ސޮއި ހޯދާފަ އެވެ. އަދި މިއަދު ހަވީރު އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުން ބޭފުޅުން ހިންމަފުށްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ޕެޓިޝަނަށް ސޮއި ހޯދުމާއި ހިންމަފުށީގައި މިކެމްޕެއިންގެ ބޮޑު ޕޯސްޓަރުތައް ހަރުކުރުމުގެ ހަރާކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މިހަރަކާތް ކުރިއަށް ދިޔައިރު އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑު އުފުލާފައިވެ އެވެ.

ހިންމަފުށީގައި ކުރިއަށް ދިޔަ އިންޑިޔާ އައުޓް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް

ކޯލިޝަނުން ބުނީ މިހަރަކާތް އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކި ފަރާތްތަކުން އަމިއްލަ ގޮތުންބޭނުންވެގެން ރަށްރަށުގައި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ކޯލިޝަނުން ބުނެ އެވެ.

ހިންމަފުށީގައި ކުރިއަށް ދިޔަ އިންޑިޔާ އައުޓް ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތް

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއި ކުރަން ފެށި އެ ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާއެކު ސިއްރު އެއްބަސްވުންތައް ގާއިމްކޮށް، އިންޑިއާގެ ސިފައިންގެ ބޭނުމަށް ތަންތަނަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުނެ އެެވެ. އަދި އިންޑިޔާގެ މިލިޓަރީ ސިފައިން ބޭލުމަށް އިންޑިޔާ ސަރުކާރަށް ގޮވާލާފައިވެ އެވެ.