ގުދުރަތީ ރީތިކަން ނުވަތަ "ނެޗުރަލް ބިއުޓީ"އަކީ މިއަދު ވަރަށް އާއްމުކޮށް އިވޭ ބަހެކެވެ. ގުދުރަތީ ރީތިކަމާ ގުޅުވައިގެން އެކި ކަހަލަ ކޮސްމެޓިކް ޕްރޮޑަކްޓްތަކާއި މޭކަޕް އުފައްދާފައި ވެސްވެ އެވެ. ނަމަވެސް ހަގީގަތަކީ ގުދުރަތީ ރީތިކަން ހާސިލްވަނީ މިފަދަ އެއްޗެއްސަށްވުރެ ބޮޑަށް ތިމާ ގެންގުޅޭ އާދަތަކުގެ ސަބަބުން ކަމެވެ.

ރަގަޅު ކާނާއާއި ސާފު ފެން

ކެއިންބުއިމުގައި ސަމާލުކަންދޭންވީ ކަމަކީ، ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައިތަކެއް އެކުލެވޭގޮތަށް ޑައިޓު ބެހެއްޓުމެވެ. ސަބަބަކީ، ތިމާ ކާ އެއްޗެއްސާއި ތިމާގެ ހަށިގަނޑު ހުންނަގޮތް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާތީ އެވެ. ފެން މަދުވާނަމަ އިސްތަށިގަނޑުގެ ތާޒާކަން ގެއްލެ އެވެ. އަދި ވިޓަމިންސް މަދުވާނަމަ ހަމުގެ އިތުރުން ހިރުގަނޑަށްވެސް ގެއްލުން ލިބެ އެވެ. މީގެ އިތުރުން، ބަންދުކޮށްފައި ނުވަތަ ޕްރޮސެސް ކޮށްފައި ހުންނަ ކާތަކެތީގެ ބަދަލުގައި ތާޒާ އެއްޗެހި ބޭނުންކުރުން މާ އެދެވިގެންވެ އެވެ.

ރަގަޅަށް ނިދުން

ބޭނުންވާ ވަރަށް ވުރެ މަދުން ނިދުމަކީ ގެއްލުންވާ ކަމެއްކަން އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް އެނގޭނެ އެވެ. އެހެންކަމުން މިހާރު ގިނަބައެއްގެ އާދަޔަކީ އިރު އޮއްސުނީއްސުރެ އިރުއަރާދެން ނިދުމެވެ. އެކަމަކު މާގިނައިން ނިދުމަކީވެސް ހަމަ ވަރަށް ގެއްލުން ލިބޭ ކަމެކެވެ. ތިމާގެ ސިފަޔަށް ނޭދެވޭ އަސަރު ކުރުވާފަދަ ކަމެކެވެ. އެހެންކަމުން ހެޔޮވަރަށް ނިދިހަމަކުރުމުން ތިމާގެ ރީތިކަން ގެނުވުމަށް އެހީތެރި ވެދޭނެ އެވެ.

ކަސްރަތު

ކަސްރަތަކީ ހަމައެކަނި ޖިމްއަށް ގޮސް ބަރު އުފުލުން އަކަންޏެއް ނޫނެެވެ. ނުވަތަ އެރޮބިކްސް ކުލާހަކަށް ދިއުމެއް ވެސް ނޫނެވެ.

"ގޯތި" ވަށާ ދެތިންބުރަކު ހިނގާލުން ނުވަތަ ބައިސްކަލް ދުއްވާލުން ވެސް އެއީ ކަސްރަތެވެ. ކަސްރަތަކީ ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ކުރުވުން ފަސޭހަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން، މީހާއަށް ތާޒާކަން ލިއްބައިދީ، ހިތްހަމަޖެހުން ގެނުވާ ސޫރަ ރީތި ކުރުވަ އެވެ.

ތިމާއާ ގުޅޭ ބާވަތްތައް ބޭނުންކުރުން

ތިމާހުންނަނީ ކޮންކަހަލަ ހަމެއްތޯ ނުވަތަ ކޮންކަހަލަ އިސްތަށިގަނޑެއްތޯ ދެނެގަނެ، އެއާ އެކަށީގެންވާ ބާވަތުގެ ޝޭމްޕޫ، ލޯޝަން އަދި މޭކަޕް ފަދަ ތަކެތި ބޭނުން ކުރާށެވެ. މިސާލަކަށް، ތިމާގެ ހަންގަނޑަކީ އަވަހަށް ތެޔޮވާ ހަންގަނޑެއްނަމަ، ސައިބޯނިފަދަ ތަކެތި ހޯއްދަވާއިރު، އޮއިލްބޭސްޑް ސައިބޯނީގެ ބަދަލުގައި ވޯޓަރބޭސްޑް ސައިބޯނި ހޯދާށެވެ. މީގެ އިތުރުން ބާޒާރު ކުރައްވާއިރު ކެމިކަލް ލައިގެން ހަދާފައިވާ ޕުރޮޑަކްޓްތައް ގެންނެވުމުގެ ބަދަލުގައި ގުދުރަތީ ތަކެތިން ހަދާފައިވާ ޕްރޮޑަކްޓް ހޯދާށެވެ. އެހެންގޮތަކަށް ބުނާނަމަ، އޯގަނިކް ޕްރޮޑަކްޓް ހޯދާށެވެ.