މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި 4،000 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލީ މިމަހު 8 އަދި 9 ވަނަ ދުވަހު ކ. ތިލަފުށީގައި ކުނި ނައްތާލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 4،141 ފުޅި ބަނގުރަލާއި، 31،750 ބިޑި އާއި ސިނގިރޭޓާއި، 717 ދަޅު ބިޔަރާއި ސްޓިކް ހިމެނެ އެވެ. އަދި 523 ބިޔަރު ހުސްކުރި ފުޅިއާއި ބަނގުރާ ދަޅުގެ އިތުރުން 7.3 ކިލޯގްރާމްުގެ ދުންފަތާއި 173 ކިލޯގްރާމުގެ އެހެނިހެން ތަކެތި ހިމެނޭކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސް އިން ނައްތާލި ތަކެތީގެ ތެރޭގައި ޖުވާކުޅޭ ސާމާނާއި ބުދު ފަދަ ތަކެތިނވެސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްތި ނައްތާލެވިފައި ވަނީ އެ ސާވިސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލާއި ގަވާއިދުގެ މަތިން ކަމަށެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ މަހުގައިވެސް އެސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފަ އެވެ. އޭގެ ތެރޭގައި 5،040 ފުޅި ބަނގުރާ ކަސްޓަމްސްއިން ނައްތާލާފައިވެ އެވެ.