ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އެމްޑީ އަކްތަރު ކަމަށެވެ. އަދި އޭނާ މަރުވީ ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
މިގޮތުން ޖަލުގެ ގޮޅީގައި ތާސްކުޅެން އިންދައި ކުއްލި ގޮތަކަށް މެއަށް ތަދެއް އަރައި ނޭވާލާން އުނދަގޫވުމުގެ ސަބަބުން އޭނާ އައިޖީއެމްއެޗަށް ގެންދެވުނުކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ. އަދި އެމަޖެންސީ ކޭސްއެއްގެ ގޮތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާއިރު، އެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްޑީ އަކްތަރަކީ މީހަކު މެރުމުގެ މައްސަލައެއްގައި ކުރެވޭ ތުހުމަތެއްގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.
އޭނާ މަރުވީ މާލޭ ޖަލުގައި ބަންދުގައި ހުއްޓައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.