މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މަސް ފިހާރަ ފަޅާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފި އެވެ.

މިފްކޯގެ އެންމެ ބޮޑު މަސް ފިހާރަ ފަޅާލީ ބުދަ ދުވަހުގެ ރޭ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތެއްގަ އެވެ. އަދި ފިހާރަ ފަޅާލުމަށް ފަހު 30،000 ރުފިޔާ އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އަދި މި މައްސަލާގައި ބަންދުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭނާ ވަނީ މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ނިންމާފަ އެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައިގައި ބަންދުގައި ހުރި މީހާ އެވެ. ނަމަވެސް މިކަމުގައި އިތުރު މީހެއްގެ ބައިވެރިވުމެއްވާ ކަން ވެސް ސީސީޓީވީ ފުޓޭޖްތަކުން ހެކިދޭ ކަމަށް މިފްކޯގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް މާލޭގައި މިފަދަ ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިގޮތުން ފައިސާ ހޯދުމަށް ފިހާރަތަކާއި އެހެނިހެން އިދާރާތައް ފަޅާ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ސިފައިންގެ މީހަކާއި އާންމު ރައްޔިތަކު އަތުން ވެސް ބްލެކްމެއިލްކޮށް ފައިސާ ހޯދުމުގެ މައްސަލަ ފެންމަތިވެފައިވެ އެވެ.