ސަރުކާރުން އެންމެ މުހިންމުކަން ދޭ އެއްކަމަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުންކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުނެވެ.
މިބައްދަލުވުމުގައި ވައިކަރަދޫ ކައުންސިލުން ވަނީ އެރަށުގައި 16 ތަރައްގީގެ މަޝްރޫއު ކުރިއަށް ސަރުކާރުން ގެންދާނީ އެކަމަށް ސުކުރުއަދާކުރައްވާފަ އެވެ.
މިއަދު މެންދުރުފަހު ވައިކަރަދޫ ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މުހިންމުކަންކަމާއި ކައުންސިލާއި ރައްޔިތުން އެންމެބޮޑަށް ބޭނުންވާ ކަންކަން ނައިބް ރައީސާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން އެ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި އިންޖީނުގޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދަން ބޭނުންވާކަމާއި ރަށުގެ ރައްޔިތުންނަށް މޫދަށް އެރިއުޅޭ ސަރަހައްދެއް ހެދުމާއި ރަށުން ގޯތިދޫކުރުމަށް މިހާރުހުރި ގޮންޖެހުންތަކާއި ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް އަވަހަށް ނިންމައި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ސްކޫލްކުދިންނަށް ކުޅިވަރުކުޅެ ހެދުމަށް މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަން ސްކޫލުގެ ފަރާތުން ނައިބް ރައީސާ ހިއްސާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަނަށް އިތުރަށް އިންސާނީ ވަސީލަތްތައް ބޭނުންވާކަމާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ މުހިންމުކަން ދޭ އެއްކަމަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުންކަމަށާއި އެގޮތުން ކޮންމެ ކުއްޖަކީވެސް މުޖްތަމައަށް ރަނގަޅު ބޭނުންހިފޭ ކުއްޖަކަށް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުވުމުން މި ސަރަހައްދުގެ ރައްޔިތުންނަށް މާލެ ދާންނުޖެހި ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގެ ކުރިން ނައިބް ރައީސް ވަނީ ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުވައިދެއްވާ، ވައިކަރަދޫ ސްކޫލުގައި އިމާރާތްކުރަމުންދާ 12 ކްލާސްރޫމްގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން ވައިކަރަދޫ ސިއްހީމަރުކަޒާށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވުމުގެ އިތުރުން ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވި އެވެ.