ހިޔާ ފްލެޓްލިބުނު ފަރާތްތަކުން މިސަރުކާރުގެ 3 އަހަރު ދުވަހަށް އެފް ރިޕޯޓެއް ދީފި އެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ކޮތަރުކޮށި ވައިބާ ކޮމިއުނިޓީގައި ސަރުކާރުގެ 3 އަހަރަށް ދޭނީ ކޮންރިޕޯޓެއްތޯ ސުވާލުކޮށް ނެގުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން 92 އިން ސައްތަ މީހުން މި ސަރުކާރަށް ދީފައިވަނީ އެފް ރިޕޯޓެކެވެ. އޭ ރިޕޯޓެއް 4 އިން ސައްތަ މީހުން ދީފައިވާއިރު ޑީ ރިޕޯޓެއް 2 އިން ސައްތަ މީހުން ދީފައިވެ އެވެ.

ކޮތަރުކޮށި ވައިބަރ ގްރޫޕް ހިންގާ އާންމުންގެ ޖަމްއިއްޔާއިން ބުނެފައިވަނީ ހިޔާ ފްލެޓާއި ގުޅިގެން ސަރުކާރުން އަމަލު ކުރި އަދި ކުރަމުންދާ ގޮތާމެދު ވަރަށް ގިނަ އާންމުން ހިތްހަމަ ނުޖެހޭކަން ވަރަށް ސާފު ކަމަށެވެ. އެ ޖަމްއިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ މިދުއަމް ސައުދު ބުނެފައިވަނީ ހިޔާ ފްލެޓާއި ގުޅޭ ކަންކަމުގައި ސަރުކާރުން ފަރުވާ ކުޑަކުރުން ކުރިއަށް ގެންދިޔަ ވަރަކަށް ގެއްލުން ވާނީ ހަމަ ސަރުކާރަށް ކަމަށެވެ.

ހިޔާ ފްލެޓްގެ އަގުތައް މި ސަރުކާރުން ކަނޑައަޅާފައިވަނީ ކުރީ ސަރުކާރުން ކަނޑައެޅި މިންވަރަށްވުރެ ބޮޑުކޮށެވެ. އެކަމާގުޅިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ސަރުކާރުގައި ކުލި ކުޑަކޮށްދިނުމަށް އާދޭސްކޮށް އެންމެ ފަހުން އިހްތިޖާޖު ކުރުމުންވެސް ވަނީ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވޭ ވަރުވީ މި ސަރުކާރު ހަވާލުވިތާ 3 އަހަރު ވާން އުޅެނިކޮށެވެ. އެތަން ހަވާލުކޮށްފައިވަނީ ފިނިޝިން ވެސް ނުނިންމާ އެބަޔަކު އަމިއްލަ އަށް ފިނިޝިން ނިންމާ ގޮތަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށްވަނީ ބޮޑެތި ދަތިތައް ކުރިމަތި ވެފަ އެވެ.

ހިޔާ ފްލެޓް ލިބުމާއެކު އެތަނުގައި ގިނަ ބަޔަކު މިހާރުވަނީ ދިރިއުޅެން ފަށާފަ އެވެ. ބައެއް އާއިލާތަކުން އެހުރިގޮތަށްވެސް ދިރިއުޅެން ފަށާފައިވެ އެވެ. ނަމަވެސް މިސަރުކާރުން އެތައް ސަތޭކަ ރައްޔިތުން އެތަނަށް ދިރިއުޅެން ވެއްދި އިރު އެންމެ ފުރަތަމަ ދޭންޖެހޭ އަސާސީ ޚިދުމަތްވެސް އެތަނުގައި ގާއިމްކޮށްފައި ނެތެވެ. ނަމާދު ކުރާނެ މިސްކިތެއް ކުދިން ކިޔަވަން ގެންދާނެ ސްކޫލްއެއް، ކުނި މެނޭޖްކުރާނެ ގޮތެއް އަދި ބަހުގެ ހިދުމަތްވެސް ގާއިމް ކޮށްފައި ނުވެ އެވެ. އަދި މަގުތައްވެސް ހަދާފައެއް ނެތެވެ. އާންމުންގެ ޖަމްއިއްޔާއިން ބުނެފައިވަނީ މިއީ ރައްޔިތުންނަށް މިސަރުކާރުން ދޭ އަނިޔާއެއް ކަމަށެވެ.

މިސަރުކާރުން މިވީ 3 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ބުނެދޭން އުޅުނީ ހިޔާ ފްލެޓަކީ ރައްޔިތުން އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން ކަމަށެވެ. ނަމަވެސް އެތަނުގައި ދިރިއުޅެން ފެށި އެތައް ސަތޭކަ ބަޔަކު ބުނަމުންދަނީ މާލޭގެ ކުޑަ ކުޑަ ގޮޅިއެއްގެ ތެރޭގައި އިރުގެ އަލިކަން ނުފެނި އަނދިރި ކޮޓަރި ގަނޑެއްގައި އުޅުމަށްފަހު ވަށައިގެން ދުނިޔޭގެ އަލިކަމާއި ފުރިހަމަ ތާޒާ ވައިލިބޭ ތަނަކަށް ބަދަލުވުމަކީވެސް ލިބުނު ނަސީބެއް ކަމަށާއި ކުރިން ދިރިއުޅުނު ތަންތަނަށްވުރެ "ކޮތަރުކޮށި" ހާސްބައި ރަނގަޅު ކަމަށެވެ.

ބޯހިޔާވަހިކަމަށް މިސަރުކާރުން ވީ އެންމެ ވައުދެއްވެސް އަދި ނުފުއްދާ ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ނަން ބަދަލުކޮށްގެން އެތަންތަންވެސް ނުނިމިގެން އުޅޭއިރު ގިނަ ފަރާތްތަކަކުން ބުނަމުންދަނީ ސަރުކާރުގައި ތިބި އިސްވެރިންގެ ގެދޮރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވެދާނެތީ އަގު ހެޔޮކޮށް ރައްޔިތުންނަށް މިތަންތަން އަވަހަށް ހަދާ ހަވާލުކުރަން ބޭނުން ނުވަނީ ކަމަށެވެ.