ކޮވިޑް-19ގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ރާއްޖެއިން ފެނުނީ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ވޭރިއެންޓް މިހާރު ފެތުރެމުންދާއިރު، އިއްޔެ ރާއްޖެއިން ވެސް ވަނީ އޮމިކްރޯންއަށް މީހަކު ޕޮޒިޓިވްވެފަ އެވެ.

މިގޮތުން އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވަނީ މިދިޔަ މަހު ދެކުނު އެފްރިކާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ފަރާތުންކަމަށެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަނެވުނީ ވެސް ދެކުނު އެފްރިކާގަ އެވެ.

އެޗްޕީއޭއިން ބުނާގޮތުގައި އޭނާ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

މި ކޭސްގެ ވޭރިއަންޓާއި ބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއެންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސީކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް މިދިޔަ މަހުގެ30 ވަނަ ދުވަހު ފޮނުވި ސާމްޕަލް ޓެސްޓު ކޮށް ނަތީޖާ ލިބުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އަލަށް ފެނުނު މި ވޭރިއަންޓަކީ މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ މާ ބާރުގަދަ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މިގޮތުން މި ވޭރިއަންޓްގައި ގިނަ މިއުޓޭޝަންތައް ހިމެނޭކަމަށާއި، މި ވޭރިއަންޓު ފެތުރުނަ ނުދީ ހިފަހައްޓައި ރައްކާތެރިވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް ސިއްހަތު ޖަމިއްޔާއިން ވަނީ އިލްތިމާކޮށްފަ އެވެ.