އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅިއެއް ހެރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

މައުލޫމާތުލިބޭގޮތުގައި ފިރިހެން މީހާގެ ބަނޑަށް ވަޅި ހަރާލީ އޭނާގެ އަންހެނުންނެވެ. އަދި ބަނޑަށް ފުންކޮށް ވަޅި ހަރާލުމާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.

އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި ހޮސްޕިޓަލުގައި ފަރުވާހޯދަމުން ގެންދަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި، އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މާލޭގައި ދެމީހެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް، މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފިރިހެން މީހާއަށް ލިބިފަނީ ކޮން ޒަހަމްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އަށް ހަމަލާދިން އަންހެން މީހާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ އަންހެނެއް ކަމަށް އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.