2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިންގި ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓް ކަމަށް ބުނެ ދައުރުވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުންތަކަކީ ފުލުހުންގެ ހިދުމަތުގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ. މި ލިޔުންތަކުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސްޓޭމްޕްގައި ފުލުހުންގެ މުއައްސަސާގެ ނަމަކަށް ބޭނުން ކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިއަހަރު ބޭނުން ކުރަމުން އަންނަ ނަމެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި ކުރީގެ ސްޓޭމްޕްގައި ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެން ކަމުން މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި ދެކޭ ކަމަށާއި އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.