ވެރިކަންކުރާ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމަށްވާ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިދިދޮޅި މައި ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ. ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ޒަކީގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތީ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުމުގައި ބައިވެރިވާން ކަމަށެވެ. އަދި "އިސްލާހީ އެޖެންޑާ" ކުރިއަށް ނުދާނަމަ އެބަޔަކާއިއެކު މަސައްކަތް ކުރުން އެއީ އޭނާ އަށް އަބަދުވެސް ވަރަށް ދަތިވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ އޭނާ ހުންނަވާ ޕާޓީ އަކުން ގޯސްކޮށް ކަމެއް ކުރާނަމަ އެއީ ގޯހެއް ކަމަށް ގަބޫލުކުރައްވާ އެ ބަޔަކާ އޭނާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުދިކުދި ސިޔާސީ ޕާޓީތަކުގައި ތިއްބަވައިގެން ގައުމީ މައްސަލަތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ސަބަބުތަކަކަށް ބެއްލެވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ. ޒަކީ އަކީ މިސަރުކާރުގައި އެމްޕީއެލްގެ ޗެއަރމަންކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޕީއެލްގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވެ އެވެ. މީގެ އިތުރުން ރައީސް ވަހީދުގެ ސަރުކާރުގައި މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުވެސް ފުރުއްވި އެވެ.

ސިޔާސީ ގޮތުން ބަލާއިރު ޒަކީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިއްރުން ނެރެން ފެށި ނޫސް "ސަންދާނު"ގެ އެންމެ އިސް އެއްމޭސްތިރިޔާ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނެތީސް ސަރުކާރާއި ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ ލިޔުންތައް ލިޔުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީވެސް ޒަކީ އެވެ.