ރަނގަޅު މޭކަޕް ސާމާނަކީ އަގުހެޔޮކޮށް ލިބޭނެ އެއްޗެއް ނޫނެވެ. ވީމާ ވީހާވެސް ގިނަ ދުވަހަކު އެ ސާމާނުގެ ބޭނުން ކުރަން މަސައްކަތް ކުރެވެ އެވެ. ރީތިވާ ސާމަނުގައި ލިޔެފައިވާ މުއްދަތު ހަމަވާ ތާރީޚު ހަމަ ނުވަނީސް ވެސް އޭގެ ދުވަސް ހަމަވާނެކަން އެނގޭ ހެއްޔެވެ؟

ފޭސް މާސްކު

ފޭސްމާސްކު ހުންނަ ފުޅި ނުވަތަ ކޮންޓެއިނަރު ރަނގަޅަށް ވައި ނުވަންނަހެން ބާރުކޮށް މަތިޖަހާފައި ހުންނަނަމަ 18 މަސްވަންދެން ބޭނުން ކުރެވޭނެ އެވެ. ނަމަވެސް މީގެ ކުރިންވެސް ފުޅި ތެރޭގައި ހުރެ އެ ހިކިވެ، ހަލާއްކުވާ ގޮތް ވާނަމަ އެ ބޭނުން ކުރުން ހުއްޓާލަންވީ އެވެ.

މަސްކަރާ އަދި ލިކުއިޑް އައިލައިނާ

މިދެ ބާވަތްވެސް ބޭނުން ކުރުން އެންމެ ރަނގަޅީ ގިނަވެގެން 3 މަހުގެ މުއްދަތަކަށެވެ. މީގެ ކުރިންވެސް ހިކިވެ ނުވަތަ އާދަޔާ ޚިލާފު ވަހެއް ދުވަން ފަށައިފިނަމަ ވަގުތުން އެ ބޭނުން ކުރުން ހުއްޓާލާށެވެ. މަސްކަރާ ހިކިއްޖެނަމަ އެއަށް ފެންއަޅައި ނުހަދާށެވެ. އަދި އެއްވެސް ހާލެއްގައި ތިމާގެ މަސްކަރާ ނުވަތަ އައިލައިނާ އެހެން މީހަކަށް ބޭނުން ކުރުމަށް ނުދޭށެވެ. ލޮލުގެ ބަލިތަކަކީ ނުލާހިކު ފަސޭހައިން ފެތުރޭ ބަލިތަކެކެވެ.

ބުމަ ފަންސޫރު/ ލިޕް ލައިނާ ފަންސޫރު

މިފަދަ ފަންސޫރުގެ ބާވަތްތައް ދެ އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ އެވެ. ނަމަވެސް އަބަދުވެސް ތުނޑުޖަހައި އަދި ބޭނުން ނުކުރާ ވަގުތު ތަކުގައި ރަނގަޅަށް މަތި ޖަހާފައި ބަހައްޓަން ހަނދާން ކުރާށެވެ.

ލިޕްސްޓިކް

މީގައި ފެނާއި މޮއިސްޗުރައިޒިންގ ބާވަތްތައް ހިމެނުނަސް ވެސް ދެ އަހަރު ވަންދެން ބޭނުން ކުރެވޭނެ އެވެ. ނަމަވެސް މިވެސް ބޭނުން ނުކުރާނަމަ ރަނގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. އަދި އަބަދުވެސް ބޭނުންކޮށް ނިމިފައި ޓިޝޫއަކުން ފަރުވާތެރިކަމާއި އެކު ލިޕްސްޓިކް ފުހެލާށެވެ.

ގިނަ ރީތިވާ ސާމާނުގައި އެއްއެއްޗެއް ހުޅުވުމަށްފަހު ބޭނުން ކުރެވޭނެ ތާރީޚު އެނގޭފަދަ ނިޝާނެއް ހުރެއެވެ. އެޔަށް ކިޔަނީ ޕީއޭއޯ ސިމްބަލް އެވެ. އެ ނިޝާނުގައި އެ ބުނެދެނީ އެ ރީތިވާ އެއްޗެއް ކެނޑުމަށްފަހު ބޭނުން ކުރެވޭނީ ވަކި މުއްދަތެއް ވަންދެން ކަމެވެ. ވީމާ ރީތިވާ ސާމާނު ބޭނުން ކުރާއިރު މި ނިޝާނަށް ސަމާލުވާށެވެ.